އެއް މަސް ދުވަހުގެ ރޯދަ ހިފުމާއި، ރޭއަޅުކަމާއި، ދުޢާގެ ދުވަސްތަކަށްފަހު މިއަދު އަޅުގަނޑުމެންނާ ބައްދަލުކުރި ފިޠުރު ޢީދުގެ އުފާވެރި މުނާސަބަތުގައި، މި ބްލޮގްގެ އެންމެހާ ލޮބުވެތި ކިޔުންތެރިންނަށް އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް އަރިކުރަމެވެ.
މާތްﷲ އަޅަމެން އެންމެންގެ ރޯދައާއި، ނަމާދާއި، ދީލަތި ޞަދަޤާތްތަކާއި، ހެޔޮ ދުޢާތައް ޤަބޫލުކުރައްވާށިއެވެ. އަދި މި ޢީދަކީ އަޅުގަނޑުމެންގެ މެދުގައި އޮތް އުޚުއްވަތްތެރިކަމާއި، ލޯބި އިތުރުވެގެންދާ ބަރަކާތްތެރި ދުވަހެއްގެ ގޮތުގައި ލައްވާށިއެވެ. ޚާއްޞަކޮށް، މިއަދު ދަތި އުނދަގުލުގައި ތިބި މުސްލިމް އަޚުންނާއި އުޚުއްތުންގެ ޙާލަތު ބަދަލުކުރައްވައި، އުންމަތަށް ނަޞްރާއި ޢިއްޒަތް މިންވަރުކުރައްވާށިއެވެ. އާމީން.
ޢީދު ދުވަހުގެ ސުންނަތްތައް
- ތަކުބީރު ކިޔުން: ޢީދު ނަމާދަށް ދިއުމާ ހަމައަށް ތަކުބީރު ކިޔުމުގައި ދެމިހުރުން.
- ހިނައިގަތުން: ޢީދު ނަމާދަށް ދިއުމުގެ ކުރިން ހިނައިގަތުމަކީ ސުންނަތެކެވެ.
- ކެއުން: ޢީދު ނަމާދަށް ނުކުތުމުގެ ކުރިން އޮނަހިރި އަދަދަކުން ކަދުރު ކެއުން.
- ރީތި ހެދުން އެޅުން: ތިމާގެ އަތުގައި ހުރި އެންމެ ރީތި، ސާފުތާހިރު ހެދުން އެޅުން.
- މަގު ބަދަލުކުރުން: ނަމާދަށް ދާ މަގު ނޫން އެހެން މަގަކުން އެނބުރި ގެއަށް އައުން.
- ތަހުނިޔާ ބަދަލުކުރުން: «تَقَبَّلَ اللَّهُ مِنَّا وَمِنْكُمْ» މިފަދައިން ބުނެ ހެޔޮ ދުޢާ ކުރުން.
އަދިވެސް އެއްފަހަރު، ޢީދު މުބާރަކް! 1447
"ބަރަކާތްތެރި ފިޠުރު ޢީދުގެ އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް އަރިކުރަމެވެ. އަޅަމެން އެންމެންގެ ހެޔޮ ޢަމަލުތައް މާތްﷲ ޤަބޫލުކުރައްވާށިއެވެ. އާމީން.
