މިއަދު މުޅި ދުނިޔެ ސިއްސުވާލާފައިވަނީ މެދުއިރުމަތީގެ ހަކަތައިގެ ނާރެސްތަކަށް އަމާޒުކޮށްގެން ފެށިފައިވާ ވަރުގަދަ އަސްކަރީ އަދި އިޤްތިޞާދީ ހަނގުރާމައިގެ ސަބަބުންނެވެ. މިދިޔަ ފެބުރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ މި އުދުވާނަކީ، ހަމައެކަނި ސަރަޙައްދީ ބާރުވެރިކަން ހޯދުމަށް ކުރާ ހަނގުރާމައެއް ނޫނެވެ. މިއީ މުޅި ދުނިޔޭގެ ހަކަތައިގެ ސަޕްލައި ކޮންޓްރޯލްކޮށް، ދުޝްމަނުންގެ އިޤްތިޞާދީ ބިންގާ މުގުރާލުމަށް ފަރުމާކޮށްފައިވާ "ހަކަތައިގެ ހަނގުރާމައެކެވެ." މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު އަތްނުފޯރާ ފަށަށް އުފުލި، ތަރައްޤީވަމުން އަންނަ ޤައުމުތަކާއި ކުރިއަރާފައިވާ އިޤްތިޞާދުތަކަށް ބޮޑު ކާރިސާއެއްގެ ބިރު މިވަނީ ކުރިމަތިވެފައެވެ.
މި ހަނގުރާމައިގެ އެންމެ ނުރައްކާތެރި މަރުޙަލާއެއް ފެށުނީ، މިދިޔަ މާރިޗު މަހުގެ 17 ވަނަ ދުވަހު އިސްރާއީލުން އީރާނުގެ އެންމެ އިސް އެއް ސިޔާސީ ލީޑަރު، ޑރ. ޢަލީ ލާރިޖާނީ އަވަހާރަކޮށްލުމާ ގުޅިގެންނެވެ. މިއީ އީރާނުގެ ރޫޙާނީ ލީޑަރު އަލީ ޚާމަނޭއީ އަވަހާރަކޮށްލުމަށްފަހު، އެ ޤައުމުގެ ވެރިކަމުގެ ނިޒާމަށް ދިން އެންމެ ވަރުގަދަ ޙަމަލާއެވެ. ނަމަވެސް، މި ހަމަނުޖެހުން އިތުރު ހަރުފަތަކަށް އުފުލިގެންދިޔައީ އިސްރާއީލުން ދުނިޔޭގެ އެންމެ ބޮޑު ގޭސް ބިން ކަމަށްވާ އީރާނުގެ 'ސައުތު ޕާސް' އަށް ހަމަލާދީ، އެތަނުގެ އުފެއްދުންތެރިކަން ހުއްޓުވާލުމުންނެވެ. އީރާނުން މިކަމަށް ރައްދުދިނީ މުޅި ދުނިޔޭގެ އިޤްތިޞާދަށް ސިހުން ގެނުވި ފަދަ ގޮތަކަށެވެ. ޤަޠަރުގެ 'ރަސް ލައްފާން' ގޭސް ފެސިލިޓީއަށް އީރާނުން ދިން މިސައިލާއި ޑްރޯން ހަމަލާތަކަކީ، ދުނިޔޭގެ އެލް.އެން.ޖީ ސަޕްލައިގެ 20 އިންސައްތަ މެދުކަނޑާލި ކަމެކެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ޔޫރަޕާއި އިނގިރޭސިވިލާތުގެ ބާޒާރުގައި ގޭހުގެ އަގު އިންތިހާއަށް އުފުލި، އާންމު ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައެވެ.
ހަކަތައިގެ ބާޒާރަށް ބަލާއިރު، ބްރެންޓް ކްރޫޑް ތެލުގެ ފީފާއެއްގެ އަގު 116 ޑޮލަރަށް އުފުލުމަކީ ހަނގުރާމަ ފެށުނުއިރާ އަޅާބަލާއިރު 60 އިންސައްތައިގެ ބޮޑުވުމެކެވެ. މީގެ އިތުރުން، ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މައި މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި އީރާނުން ބަންދުކުރުމަކީ، މުޅި ދުނިޔޭގެ ވިޔަފާރީގެ ނާރެހަށް ދިން ބޮޑު "ހާޓް އެޓޭކެކެވެ." ޤަޠަރުގެ ގޭސް ފެސިލިޓީއަށް ލިބުނު ގެއްލުންތައް މަރާމާތުކުރަން ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށް ލަފާކުރެވޭއިރު، މިއީ ކުރިއަށް އޮތް އަހަރުތަކުގައިވެސް ދުނިޔޭގެ އިޤްތިޞާދު ނިކަމެތިކޮށްލާނެ ކަމެކެވެ.
މި ހުރިހާ ހަމަނުޖެހުމެއްގެ ތެރޭގައި އެމެރިކާގެ ދައުރަކީ ފާހަގަކޮށްލަންޖެހޭ ކަމެކެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިސްރާއީލުން އީރާނުގެ ގޭސް ދަނޑަށް ހަމަލާދިނީ އެމެރިކާއަށް ނޭނގި ކަމަށް ވިދާޅުވެ، ބައިނަލްއަޤްވާމީ ފާޑުކިޔުންތަކުން ދުރުހެލިވާން މަސައްކަތް ކުރައްވާފައެވެ. ނަމަވެސް، ހަމަ އެއާއެކު ޓްރަމްޕް ވަނީ އީރާނަށް ބިރުވެރި އިންޒާރެއް ދެއްވާފައެވެ. ޤަޠަރުގެ ހަކަތައިގެ މަރުކަޒުތަކަށް ދެންވެސް ހަމަލާއެއް ދީފިނަމަ، އީރާނުގެ މުޅި 'ސައުތު ޕާސް' ގޭސް ބިންތައް އެއްކޮށް ގޮއްވާލާނެ ކަމަށް ވިދާޅުވުމަކީ، އެމެރިކާއަކީ މި ހަނގުރާމައިގެ އަސްލު މޭސްތިރިކަން ހާމަވާ ކަމެކެވެ. އެމެރިކާގެ ބޭނުމަކީ އިސްރާއީލު މެދުވެރިކޮށް އީރާނުގެ ބާރު ކަނޑުވާލުމެވެ.
ނަމަވެސް، މި ހުރިހާ ކަމަކަށްވުރެ ބޮޑަށް މިއަދު މުސްލިމް އުންމަތުގެ ހިތްތަކުގައި ޖެހިފައިވާ އެންމެ ބޮޑު ރިހުމަކީ ޢަރަބި ވެރިންގެ ފެންނަން އޮތް މުނާފިޤުކަމެވެ. މެދުއިރުމަތީގެ އިސްލާމީ ބިންތަކުގައި މިފަދަ ބޮޑު ގަތުލުއާންމެއް ހިނގަމުންދާއިރު، އަދި އިސްލާމީ ޤައުމުތަކުގެ އިޤްތިޞާދީ މަރުކަޒުތައް ސުންނާފަތި ކުރަމުންދާއިރު، ގިނަ ޢަރަބި ވެރިން ތިއްބެވީ ހަނުހިމޭނުންނެވެ. އެ ބޭފުޅުންގެ ކަންބޮޑުވުމަކީ ދީނާއި އުންމަތުގެ ހިމާޔަތެއް ނޫނެވެ. އޭގެ ބަދަލުގައި އެ ބޭފުޅުން ބައްލަވަނީ އެމެރިކާއާއި ހުޅަނގުގެ ރުހުން ހޯދައިގެން އަމިއްލަ ވެރިކަމުގެ ގޮނޑި ދިފާޢުކުރެވޭނެ ގޮތަކަށެވެ.
ޢަރަބި ދުނިޔޭގެ ބޮޑެތި ބާރުތަކުން އިސްރާއީލުގެ އުދުވާންތައް ކުށްވެރިކުރަނީ ހަމައެކަނި ދުލުން ބުނާ ބަހަކުންނެވެ. އަމަލީ ގޮތުން އެއްވެސް ފިޔަވަޅެއް އެޅުމުގެ ހިތްވަރެއް އެ ބޭފުޅުންގެ ކިބަޔަކު ނެތެވެ. ފަލަސްތީނުގެ މުސްލިމުން ކަތިލެވެމުންދާއިރު، އެއް ފަރާތަކުން އިސްރާއީލާއެކު ވިޔަފާރީގެ ގުޅުންތައް ދަމަހައްޓައި، އަނެއް ފަރާތުން އުންމަތުގެ ނަމުގައި ކަރުނަ އޮހޮރުވުމަކީ ބޮޑުވެގެންވާ މުނާފިޤުކަމެކެވެ. ގިނަ ޢަރަބި ޤައުމުތަކަކީ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި ތަންތަނަށްވާއިރު، އިސްރާއީލުން އީރާނަށާއި އެހެން އިސްލާމީ ބިންތަކަށް ދޭ ހަމަލާތަކަށް މަގުފަހިވަނީވެސް މި ވެރިންގެ ހުއްދައާއެކުގައެވެ.
މި ވެރިންގެ އަމަލުތަކުން ސާފުވަނީ، އެބޭފުޅުންނަށް މުހިންމީ އިސްލާމީ އުޚުއްވަތްތެރިކަމަށްވުރެ ބޮޑަށް ބޭރުގެ ބާރުތަކުގެ ކުރިމަތީގައި އޮންނަ އިތުބާރު ކަމެވެ. ދުނިޔޭގެ ތެލާއި ގޭހުގެ ބޮޑު ހިއްސާއެއް ޢަރަބި ޤައުމުތަކުގައި އޮތްއިރު، އެ ބާރު ބޭނުންކޮށްގެން އިސްރާއީލުގެ އުދުވާންތައް ހުއްޓުވުމުގެ ބަދަލުގައި، އެބޭފުޅުން އިޚްތިޔާރުކުރީ ހުޅަނގުގެ ގޮނޑިކޮއްކޮއިންނަށް ވެގެން ތިބުމަށެވެ. މިއީ މުޅި އިސްލާމީ ތާރީޚުގައިވެސް ފެނިގެންދާނެ އެންމެ ބޮޑު ޚިޔާނާތެވެ.
ނިންމާލަމުން ދަންނަވާނީ، މި ހަކަތައިގެ ހަނގުރާމައަކީ ހަމައެކަނި ތެޔޮ ފީފާއެއްގެ އަގަށް އައި ބަދަލެއް ނޫނެވެ. މިއީ މުޅި ދުނިޔޭގެ ނިޒާމު ބަދަލުކޮށްލުމަށް ކުރާ މަސައްކަތެކެވެ. އިސްރާއީލުގެ އުދުވާނާއި، އީރާނުގެ ރައްދު ހަމަލާތަކާއި، އެމެރިކާގެ ނުފޫޒުގެ ތެރެއިން ފެނިގެންދަނީ ދުނިޔޭގެ އިޤްތިޞާދީ ބާރުވެރިކަމަށްޓަކައި އިންސާނިއްޔަތު ޤުރުބާންކުރާ މަންޒަރެވެ. އަދި ހަމައެއާއެކު، އިސްލާމީ އުންމަތުގެ ވެރިންގެ ފިނޑިކަމާއި މުނާފިޤުކަމުގެ ސަބަބުން، މިއަދު މުސްލިމް އުންމަތް މިވަނީ އެހެން މީހުންގެ ކުޅޭކޮއްކޮއަކަށް ވެފައެވެ. ކުރިއަށް އޮތް އަހަރުތަކަކީ ތަކެތީގެ އަގުބޮޑުވެ، އިޤްތިޞާދީ ގޮތުން ދަތި އުނދަގޫ އަހަރުތަކަކަށް ވާނެކަން ކަށަވަރެވެ. ނަމަވެސް، އެއަށްވުރެ ބޮޑު ގެއްލުމަކީ އުންމަތުގެ ޢިއްޒަތާއި ކަރާމާތް ގެއްލިގެން ދިއުމެވެ.
