ޕާކިސްތާނުން އަފްޣާނިސްތާނުގެ ރިހެބިލިޓޭޝަން ހޮސްޕިޓަލަކަށް ހަމަލާދީ 200 އަށްވުރެ ގިނަ މީހުން މަރާލައިފި


ރަމަޟާން މަހުގެ ބަރަކާތްތެރި ދުވަސްތަކުގައި ޕާކިސްތާނުގެ އަސްކަރިއްޔާއިން އަފްޣާނިސްތާނަށް ދިން ވަރުގަދަ ވައިގެ ހަމަލާއެއްގައި، މަސްތުވާތަކެތިން ސަލާމަތްވާން މަސައްކަތްކުރާ މީހުންނަށް ފަރުވާދޭ ހޮސްޕިޓަލަކަށް އަމާޒުވެ، 200 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

އަފްޣާނިސްތާނުގެ ތަރުޖަމާނަކު މައުލޫމާތު ދެއްވި ގޮތުގައި، މި ހަމަލާ އަމާޒުވެފައިވަނީ ކާބުލްގައި ހުންނަ ޑްރަގް ރިހެބިލިޓޭޝަން ހޮސްޕިޓަލަކަށެވެ. މި ހަމަލާގައި މުޅި ހޮސްޕިޓަލް ބިމާ ހަމަވެފައިވާއިރު، އެތަނުގައި ފަރުވާ ހޯދަމުންދިޔަ ގިނަ އަދަދެއްގެ ބަލިމީހުން ވަނީ ޝަހީދުވެފައެވެ. "ޕާކިސްތާނުން ބުނަނީ އެއީ އިސްލާމީ ޤައުމެއް ކަމަށް، އެކަމަކު މިއީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ނިކަމެތިންނަށް ފަރުވާދޭ ތަނެއް. އެމީހުން މުޅި ހޮސްޕިޓަލް އެއްކޮށް ހަލާކުކޮށްލީ،" އަފްޣާނިސްތާނުން ބުނެފައިވެއެވެ.

ނަމަވެސް ޕާކިސްތާނު ސަރުކާރުން ވަނީ ހޮސްޕިޓަލަކަށް ހަމަލާދިން ކަމަށް ބުނާ ވާހަކަ ދޮގުކޮށްފައެވެ. ޕާކިސްތާނުން ބުނާ ގޮތުގައި އެމީހުންގެ އަމާޒަކީ އަފްޣާނިސްތާނުގައި ހުރި "އަސްކަރީ އިންސްޓޯލޭޝަންތަކެވެ." މި ހަމަލާތަކަކީ ޕާކިސްތާނުގެ ސަލާމަތަށް ނުރައްކާވާ ފަދަ ހަރަކާތްތަކާ ދެކޮޅަށް ދެވުނު ހަމަލާތަކެއް ކަމަށް އެ ޤައުމުން ދަނީ ބުނަމުންނެވެ.

​މި ހާދިސާއާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާއިރު، އާންމު ރައްޔިތުން ދިރިއުޅޭ އަދި ޚިދުމަތް ހޯދާ ތަންތަނަށް ހަމަލާދިނުމަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ކަންބޮޑުވުން އުފެދިފައިވާ ކަމެކެވެ.


އަރުށީފު

އެންމެ މަޤްބޫލު