އަޅުގަނޑުގެ ވޯޓު: އަމާނާތްތެރި، ޤާބިލު ވެރިއަކަށް

 



އިންތިޚާބެއް ބޯމަތިވަމުން އަންނައިރު، ކޮންމެ މީހަކުވެސް އެމީހަކު ތާއިދުކުރާނެ ކެންޑިޑޭޓަކު ކަނޑައަޅާނެއެވެ. އެގޮތުން، އަޅުގަނޑު ތާއިދުކުރާ ކެންޑިޑޭޓުގެ ކިބައިގައި ހުންނަންޖެހޭނެ ކަމަށް އަޅުގަނޑު ދެކޭ ސިފަތައް ކިޔުންތެރިންނަށް ހިއްސާކޮށްލުމަށް ގަލަން ހިންގާލަމެވެ. 

އަޅުގަނޑުގެ ކެންޑިޑޭޓަކީ ދުވަސް ފަށާނީ ފަތިސް ނަމާދުންނެވެ. އަދި ދުވަސް ނިންމާލާނީ ޢިޝާ ނަމާދުންނެވެ. މާނައަކީ، އޭނާއަކީ ފަރުޟު ފަސް ނަމާދަށް ފަރުވާތެރިވާ، މިސްކިތާ ރައްޓެހި، އަދި މިސްކިތުގެ އަހުލުވެރިއެކެވެ.

އަޅުގަނޑު ތާއިދުކުރާ ކެންޑިޑޭޓަކީ ދަންނަ މީހުންނާއި ނުދަންނަ މީހުންނާވެސް ރިވެތި ބަހުން ވާހަކަދައްކާނެ މީހެކެވެ. އޭނާގެ ބަސްމަގުން ކަންކަން އޮޅުންފިލުވައިދީ، ހަޤީޤަތް ހާމަކުރަންޖެހޭ ކޮންމެ ހާލަތެއްގައިވެސް ސާބިތުކަމާއެކު އެގޮތުގައި ދެމިހުންނާނެއެވެ.

އޭނާއަކީ ރައްޔިތުންގެ ޚާދިމެއްކަން ދަނެގެން، މަސައްކަތްތައް ތަރުތީބުކުރާނެ މީހެކެވެ. އަބަދުވެސް އިސްކަންދޭނީ އެންމެ މުހިންމު ކަންކަން ފުރިހަމަކުރުމަށެވެ. ޚާއްޞަކޮށް، ރަށުގެ ތަޢުލީމީ ދާއިރާ ކުރިއެރުވުމަކީ އޭނާގެ އެންމެ ބޮޑު އެއް އަމާޒެވެ. ތަޢުލީމީ ދާއިރާ ހަރުދަނާކުރުމަށްޓަކައި ތަފާތު އައު ޚިޔާލުތައް އުފަންކޮށް، އެކަމަށް ބޭނުންވާ އެހީތެރިކަން ހޯދުމުގައި އެއްވެސް ދޮރެއްގައި ޓަކިނުޖަހާ ދޫނުކުރާނެއެވެ. އެއީ ކައިރީގައި އޮތް ރިސޯޓަކުން ކަމުގައިވީނަމަވެސް، ރަށުގެ ތަޢުލީމަށް ބޭނުންވާ ހައްލުތައް އޭނާ ހޯދާނެއެވެ.

ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމަކީ އޭނާގެ އެންމެ މުހިންމު އެއް އަމާޒެވެ. ރަށުގައި ވަޒީފާގެ ފުރުޞަތުތައް އުފައްދައި، ރަށުގެ މީހުން ރަށުގައި ވަޒީފާ އަދާކޮށް އުޅޭނެ މަގު ފަހިކޮށްދިނުމަކީ އޭނާގެ ތަޞައްވުރެކެވެ. މިގޮތުން މީހުން ބިނާކުރުމަށް ތަފާތު ޕްރޮގްރާމްތައް ހިންގައި، ޒުވާނުން އެ ދާއިރާތަކަށް ނެރުމަށް ބާރުއަޅާނެއެވެ.

ކުޅިވަރާއި މަޖަލަށް އެކަނި ބޮޑު ބަޖެޓެއް ހޭދަކުރުމުގެ ބަދަލުގައި، އޭނާ ވިސްނާނީ ހުރިހާ ރައްޔިތުންނަށް ނަފާވާނެ ފަދަ ޕްރޮގްރާމްތައް ހިންގުމަށެވެ. އޭނާއަކީ ކުޅިވަރަށް ލޯބިކުރާ މީހަކަށް ވީނަމަވެސް، ރަށުގެ ބޮޑު ބަޖެޓެއް ހަމައެކަނި ސަކާރާތްޖެހުމަށް ހުސްކޮށެއް ނުލާނެއެވެ.

މީގެއިތުރުން، ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ދީނީ ދަރުސްތަކާއި ވޯކްޝޮޕްތައް ބާއްވައި، ޝައުޤުވެރިވާނެ ފަދަ މުބާރާތްތަކާއި ހަރަކާތްތައް އިންތިޒާމުކުރާނެއެވެ.

ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލް ކުރާނެއެވެ. ރައްޔިތުން ކިއޫގައި ޖައްސައި، ޚިދުމަތެއް ހޯދުމަށް އެތައް ދުވަހަކު އިންތިޒާރު ކުރަންޖެހޭ އުސޫލު އޭނާ ނައްތާލާނެއެވެ. އަދި ކައުންސިލަށް ޤާނޫނީގޮތުން ލިބިދޭ ބާރުގެ ދަށުން، ރަށުގެ ބަޖެޓަށް ނަފާވާނެ އިޤްތިޞާދީ ފުރުޞަތުތައް ހޯދައި، ރަށަށް އިންވެސްޓްމަންޓްތައް ގެންނާނެއެވެ.

ރަށުގެ ވެށި އަދި އެއްބައިވަންތަކަން

މަގުތަކަކީ ހިނގާ މީހުންނާއި ދުއްވާ މީހުންނަށްވެސް ރައްކާތެރި ތަނަކަށް ހަދައިދޭނެއެވެ. ރަށުގެ ބަނދަރަކީ އެންމެންނަށް ފަސޭހައިން ބޭނުންކުރެވޭނެ ޒަމާނީ ތަނަކަށް ހަދައި، ރަށުގެ ފެހިކަން ދެމެހެއްޓުމަށް ބޮޑު އިސްކަމެއް ދޭނެއެވެ. އެންމެ މުހިންމު ކަމެއްގެ ގޮތުގައި، ރަށުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް އޭނާ އަބަދުވެސް މަސައްކަތް ކުރާނެއެވެ.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ވެރިއަކީ ހަމައެކަނި ގޮނޑިއެއްގައި އިށީނދެގެން އިންނަ މީހެއް ނޫނެވެ. އެއީ ރައްޔިތުންގެ އިހުސާސްތައް ދަންނަ، އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރާނެ 'ޚާދިމެކެވެ'. އަޅުގަނޑުގެ މި ކެންޑިޑޭޓަކީ ރަށުގެ ދީނީ އުޞޫލުތައް ހިމާޔަތްކޮށް، ތަޢުލީމީ ޒުވާން ޖީލެއް ބިނާކޮށް، އަދި އިޤްތިޞާދީ ގޮތުން ރަށް ކުރިއަރުވާނެ ފަދަ ތަޞައްވުރެއް އޮތް ޤާބިލު ބޭފުޅެކެވެ.

އަޅުގަނޑުގެ އުއްމީދަކީ، އަޅުގަނޑުމެން އެންމެންވެސް ޒާތީ ތަޢައްޞުބުން އެއްކިބާވެ، ރަށުގެ މުސްތަޤުބަލަށްޓަކައި މިފަދަ އަމާނާތްތެރި ވެރިއަކު އިޚްތިޔާރު ކުރުމެވެ. އަޅުގަނޑުގެ ވޯޓު، އަޅުގަނޑުގެ ކެންޑިޑޭޓަށް!

އަރުށީފު

އެންމެ މަޤްބޫލު