ސިޔާސީ ނިޒާމާއި ކުށްވެރިން: ގައުމުގެ ސަލާމަތަށް އޮތް ބިރުވެރި ރަނގަބީލެއް

 

ސިޔާސީ ނިޒާމާއި ކުށްވެރިން: ގައުމުގެ ސަލާމަތަށް އޮތް ބިރުވެރި ރަނގަބީލެއް







ކޮންމެ ގައުމެއްގެވެސް އެންމެ ވަރުގަދަ ބާރަކީ އެ ގައުމެއްގެ ސިޔާސީ ނިޒާމެވެ. އެ ނިޒާމު ހިނގަނީ އިޚުލާޞްތެރި، ގާބިލު އަދި ސުލޫކީ ގޮތުން ރަނގަޅު ބައެއްގެ އަތްމަތީގައި ނަމަ، އޭގެ ފައިދާ މުޅި ރައްޔިތުންނަށް ކުރެއެވެ. ނަމަވެސް، މި ނިޒާމުގެ ތެރެއަށް ކުށްވެރިންނާއި، ގޭންގުތަކުގެ ނުފޫޒު ވަދެ، އެމީހުންނަށް ބާރުވެރިކަން ލިބުމަކީ ގައުމު ބޮޑު ނުރައްކަލެއްގެ ތެރެއަށް ވެއްޓިގެންދާނެ ކަމެކެވެ.


ސިޔާސީ މަގާމުތަކަށް ކުށްވެރިންނާއި، ބިރުވެރި އަމަލުތައް ހިންގާ މީހުން އައުމުން، ފުރަތަމަ ގެއްލިގެންދަނީ އާންމު ރައްޔިތުންގެ ހައްގުތަކެވެ. ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ބާރު ކެނޑި، "ބާރުގަދަމީހާގެ ގާނޫނު" ހިނގަން ފަށައެވެ. މީގެ ސަބަބުން މުޖުތަމައުގައި ބިރުވެރިކަން ފެތުރި، އިންސާފު ހޯދުމަށް އޮންނަ މަގުތައް ބަންދުވެއެވެ.


އަވައްޓެރި އިންޑިއާ ފަދަ ބޮޑެތި ގައުމުތަކުންވެސް ފެންނަމުންދާ ހަގީގަތަކީ، ކުށްވެރިން ސިޔާސީ މައިދާނަށް ނުކުމެ، އެމީހުންގެ ކުށްތައް ފޮރުވުމަށް ދައުލަތުގެ ބާރު ބޭނުންކުރާ ކަމެވެ. މިއީ ގައުމުގެ ދާޚިލީ ސަލާމަތަށް އޮތް ބޮޑު ގޮންޖެހުމެކެވެ.


ގައުމެއްގެ އިސް ސަފުގައި ކޮރަޕްޝަނާއި ކުށުގެ ރެކޯޑު އޮތް ބަޔަކު ތިބުމަކީ، ބޭރުގެ ބާރުތަކަށް އެ ގައުމެއްގެ މައްޗަށް އަތްގަދަކުރަން ލިބޭ ރަން ފުރުސަތެކެވެ. ނުފޫޒުގަދަ ގައުމުތަކުން މިފަދަ "ގޭންގު " ވެރިން ބޭނުންކޮށްގެން ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އަސަރުކުރާ ފަދަ ނިންމުންތައް ނިންމުވައެވެ. މިއީ ގައުމުގެ މުސްތަގުބަލު ނުރައްކަލުގެ ތެރެއަށް ހުށަހެޅިގެންދާ ސަބަބެކެވެ.


ޚަބަރުތަކުގެ ސުރުޚީތަކުންނާއި، ކަންމަތީގެ ވާހަކަތަކުން މިއަދު އަޅުގަނޑުމެންނަށް މިފަދަ ނުބައި ނުފޫޒުތައް ދެނެގަނެވޭނެއެވެ. ގޭންގުތަކާ ގުޅުން އޮންނަ މީހުންނާއި، ބިރުދައްކައިގެން ކަންކަން ކުރަން އުޅޭ މީހުންނަށް ސިޔާސީ މައިދާނުން ފުރުޞަތުދޭން ދެކޮޅު ހެދުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ޒިންމާއެކެވެ.


އަޅުގަނޑުމެންގެ ލޮލުގެ ކުރިމަތީގައި ބިރުވެރިކަމުގެ ރަނގަބީލު ޖަހަމުން އަންނާތީ، މި ވާހަކަ ދެއްކުމަކީ އަޅުގަނޑުގެ ގައުމީ ޒިންމާއެކެވެ. ސިޔާސީ އިސް ސަފަށް ނެރެންވީ ތައުލީމީ، އަޚުލާގު ރަނގަޅު، އަދި ގައުމަށް ވަފާތެރި މީހުންނެވެ. ކުށްވެރިންނަށް ބާރު ދިނުމަކީ އަމިއްލަ ކަރަށް މަޅިގަޑެއް މަހާލުން ފަދަ ކަމެކެވެ.


ގައުމުގެ މުސްތަގުބަލު އޮތީ ތިޔަބޭފުޅުންގެ އަތްމަތީގައެވެ. ވޯޓުދޭއިރު، ނުވަތަ މީހަކަށް ތާއީދުކުރާއިރު، އެމީހެއްގެ ފަހަތުގައި އޮތީ ކޮން ބައެއްތޯ ބައްލަވާށެވެ. ނޫނީ ފަސްބައި ރަނގަޅަށް ބަލާށެވެ. ބިރުވެރިކަމާއި ނާމާންކަމުން ގައުމު ސަލާމަތްކުރެވޭނީ، ސިޔާސީ ނިޒާމަކީ ކުށްވެރިންގެ ހާއްޔަކަށް ވިޔަނުދީ ހިފަހައްޓައިގެންނެވެ. ގޮތް ނިންމުމުގެ ބާރު އޮތީ ތިޔަ ރައްޔިތުންނަށެވެ.

އަރުށީފު

އެންމެ މަޤްބޫލު